ތެލާއި ގޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަޤީންކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ އަދި ތެލާއި ގޭސް އަގު ބޮޑުވިޔަ ނުދޭން ފިޔަވަޅުތައް އަޅާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އެމެރިކާއާ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދިނުމާއި ގުޅިގެން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ކަންކަން ރާވައި އިންތިޒާމު ކުރަމުންދާ ކަމަށެވެ.
ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގު ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައިވާ ކަމަށާ ރާއްޖޭގައިވެސް ކުރީން ވިއްކި އަގަށް ވުރެ ތެލުގެ އަގު ބޮޑުވެފައިވާ ކަން ވަޒީރު ފާހަގަ ކުރެއްވި އެވެ. ވަޒީރު ވިދާޅުވީ ތެލާއި ގޭހުގެ އަގު އިތުރަށް އުފުލުނު ނުދިނުމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެގޮތުން އެސްޓީއޯއަށް ސަބްސިޑީ ދީގެން ވެސް އަދި ކުންފުނީގެ ފައިދާ ކުޑަކޮށްގެން ވެސް ތެލުގެ އަގު އިތުރަށް އުފުލުނަ ނުދީ ހިފަހައްޓާނެ ކަމުގައި ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ތެލަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ. އެގޮތުން ޖަނަވަރީގައި އެސްޓީއޯއަށް ހޯދި ބޮޑު ބޯޓް ތެޔޮ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށެވެ. އެ ބޯޓް ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި މާލެ ބަނދަރަށް ވަންނާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރުވެސް އިތުރު ބޯޓެއް ތެޔޮ ބަރުކުރުމުގެ މަަސައްކަތްކޮށް ވަރަށް އަވަހަށް ރާއްޖެއަށް ދަތުރުފަށާނެ ކަމަށް ވިދާޅުވި އެވެ.
"ތެލާއި ގޭހަށް ބަލާއިރު އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތި އިރާދަފުޅުކުރެއްވިއްޔާ އެބަހުއްޓޭ. އެކަމަކު ތެލުގެ އަަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފި" މޫސާ ޒަމީރު ވިދާޅުވި އެވެ.






