އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންނުކުރެވޭނެ ކަމަށާ އަދި މިހާތަނަށް ވެސް އެއްވެސް ޤައުމަކަށް އެ ފުރުސަތު ދީފައިނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޚާރިޖީ ވަޒީރު ޑރ. ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް މީގެ ކުރީން ވެސް ދީފައިނުވާނެ ކަމަށެވެ.
އެއްވެސް ޤައުމަކުން އެފަދަ ފުރުސަތަކަށް އެދުނު ނަމަވެސް އެ ފުރުސަތު ދެވެން ނޯންނާނެ ކަން ވެސް އަންގަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
"އެފަދަ ރިކުއެސްޓްތައްވެސް އަޅުގަނޑުމެން ރިޖެކްޓް ކުރަމުންދާކަން ތިބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަން. އެއްވެސް ޤައުމަކަށް އެކަމުގެ ހުއްދަ އެއް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ހުއްދައެއް ނުދޭކަން ތިބޭފުޅުންނަށް ދަންނަވާލަން," ވަޒީރު ވިދާޅުވި އެވެ.






