އައްޑޫގައި ހަދާ ސެންޓްރަލ؛ް ޕަވަރ ސްޓޭޝަނާއި އެކު އައްޑޫގައި ފެނަކައިގެ ޓްރެއިނިނގް ސެންޓަރ އެއް ހަދަން ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނަޖާހް ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ހަދާ ސެންޓަރަލް ޕަވަރ ސްޓޭޝަނާއި އެކު އެތަނުގައި މުވައްޒަފުންނަށް ތަމްރީނުދެވޭނެ ގޮތަށް ފެނަކައިގެ އެންޖިނިއަރިން ސްކޫލް އެޅުމަށް ބިމެއް ހޯދުމަށް ސިޓީ ކައުންސިލްގައި މިހާރު އެދިފައިވާ ކަމަށެވެ.
އައްޑޫގެ ސެންޓަރަލް ޕަވަރ ސްޓޭޝަންގެ މަަސައްކަތްފެށިގެން އައުމުން މާލޭއާއި އެއް އެފިޝިއެންސީއެއްގައި އެއފެންވަރަކަށް ކަރަންޓްގެ ޚިދުމަތް އައްޑޫސިޓީގައި ފެށިގެން އަންނާނެ ކަމަށްވެސް ނަޖާޙް ވިދާޅުވިއެވެ.
ތަކެއްޗާއި އެއްވަރަށް ޚިދުމަތް ތަރައްޤީވެގެން ދިއުމަށްޓަކައި ފެނަކައިގެ ޓީމެއް ބެލްޖިއަމްއަށް ފޮނުވަގެން ތަމްރީނުކުރެވޭނެ ކަމަށް ނަޖާޙް ވިދާޅުވިއެވެ. އަދި ޖެނެރޭޓަރުތައް ކޮމިޝަންކުރެވިގެންދާއިރު ބެލްޖިއަމްގެ ޓީމެއް ރާއްޖޭގައިވެސް ހަރަކާތްތެރިވާނެ ކަމަށްވެސް ނަޖާޙް ފާހަގަކުރެއްވިއެވެ.
އައްޑޫގައި އަޅާ ފެނަކައިގެ އިންޖިނިއަރިންގ ޓްރެއިނިންގ ސްކޫލްގައި ފެނަކައިގެ ހުރިހާ ޓެކްނިކަލް ތަމްރީންތައް އައްޑޫގެ ޓްރެއިނިންގ ސްކޫލްގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ނަޖާޙް ވިދާޅުވިއެވެ. އޭގެ ތެރޭގައި ފެނާއި، ކަރަންޓް އަދި ނަރުދަމާ އާއި ސޯލާގެ މަސައްކަތަށް ބޭނުންވާ ތަމްރީން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން ޤާއިމްކުރުމަށް ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކުރީ މިމަހުގެ 7ވަނަ ދުވަހުއެވެ. ދުބާއީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.
ނަޖާހް ވިދާޅުވީ އެ ކުންފުނީގެ ސެޓްފައިޑް ތަމްރީންތައް އައްޑޫގެ ޓްރެއިނިންގ ސްކޫލުން ލިބޭނެ ކަމަށާއި ފެނަކައިގެ މުވައްޒަފުންގެ ތަރައްޤީގެ މައި ހަމަބަކަށް އައްޑޫގެ ޓްރެއިނިންގ ސްކޫލްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.







