މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޚާއްޞަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުޠުތައް އިސްލާޙުކޮށް، ފުލެޓަށް އެދި ހުޅުވާލައިފި އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާޢިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ ގެ ތެރެއިން، ގެޒެޓްކޮށްފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭގޮތަށް ހަދައި، އެ ކެޓަގަރީގެ ޝަރުތުތަކާއި، އެ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި، ޕޮއިންޓު ދިނުމުގެ އުސޫލާއި، ހައުސިންގ ޔުނިޓު ކަނޑައަޅާ ގޮތްތައް ހިމަނައި، އެ އުސޫލުގެ ދަށުން ފްލެޓަށް އެދެން ހުޅުވާލަން ނިންމާފައިވަނީ މިމަހުގެ 24ވާ އަންގާރަ ދުވަހު ކަމަށެވެ.
އެ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލު ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ހުޅުވާލާނެ އެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުތަކާ އެއްގޮތަށް ބިމާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮތީ ހުޅުވާލާފަ އެވެ.
ޢާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް ޢާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި ޢާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ ޢާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށްކަމަށް ވުޒާރާއިން ހާމަކުރެ އެވެ.






