ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިފާޢީ ވުޒާރާއިން މިރޭ ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ޓްރެއިނިންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފަރާތެއް ކަމުގައިވުމާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވުން ހިމެނެއެވެ.
ދިފާޢީ ވުޒާރާގެ އިޢުލާނުގައިވާ ގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ޚިދުމަތުގައި ބައިވެރިކުރެވޭނީ، މި ޚިދުމަތުގައި ބައިވެރިވުމާމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައި ވާނަމައެވެ
މި ތަމްރީނުގެ މުއްދަތަކީ 3 މަސް ދުވަހެވެ. އަދި ތަމްރީން ފެށުމަށް ހަމަޖެހިފައިވަނީ 2026 މޭ މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ. ތަމްރީނު ހިންގާނީ ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ.
ދިފާޢީ ވުޒާރާއިން ބުނީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަދި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މި ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދެވޭނެ ކަމަށާއި، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދެވޭނޭ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ދިފާޢީ ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ދިފާޢީ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމަށް ހުޅުވަލާފައިވަނީ 2026 އެޕްރީލް 5 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.






