މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިގޮތުން ޕެންޝަން އޮފީހުން ކުރި އިޢުލާނުގައި ބުނެފައިވަނީ މިއީ މެރިޓް ބޭސްޑް އުސޫލުން ދޭ ސްކޮލަރޝިޕެއް ކަމަށާއި، މި ސްކޮލަރޝިޕްގެ ދަށުން ތަޢުލީމު ހާސިލުކުރުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ އެ އޮފީހުން ކަމަށެވެ. މި ޕުރޮގުރާމުގެ މަޤުޞަދަކީ އެ އޮފީހުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގެ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުނަރުވެރި ދިވެހިންނަށް ދީ، ޤާބިލު މީހުން ބިނާކުރުމެވެ.
މި ޕުރޮގުރާމުގެ ދަށުން ފުރަތަމަ ޑިގްރީ ހާސިލުކުރުމުގެ އެއް ފުރުޞަތަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން އެކްޗުއެރިއަލް ސައިންސް ނުވަތަ ފައިނޭންޝަލް ރިސްކް މެނޭޖްމަންޓް ނުވަތަ އިކޮނޮމެޓްރިކްސްގެ ދާއިރާއިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބޭނެއެވެ.
މި ސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އެޕްރީލް 2026 ގެ 16:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެ އޮފީހުން ވަނީ އެދިފައެވެ.
މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ލިބޭނީ ޓައިމްސް ހަޔަރ އެޑިއުކޭޝަން ވާރލްޑް ޔުނިވަރސިޓީ ރޭންކިންގްސްގެ ޓޮޕް 200 ގައި ހިމެނޭ ޔުނިވަރސިޓީތަކުންނެވެ. ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރާއި، ލީޑަރޝިޕާއި އެހެނިހެން ތަޖުރިބާއާއި، ޕަރސަނަލް ސްޓޭޓްމަންޓް އަދި އިންޓަވިއު އަށެވެ.
މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ޕެންޝަން އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.






