ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުކުރެވޭނެ މަޝްރޫއުއެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ އޮތް ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކަރަންޓްގެ މައްސަލަ ކަމަށެވެ. މިއީ އެތައް ދައުރެއް ފާއިތުވެ ދިޔައިރުވެސް ހައްލުނުވެ އޮތް ބޮޑު މައްސަލައެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަން ދެއްވި އެއް ކަމަކީ އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ކުރެއްވުން ކަމަށެވެ. އެގޮތުން އައްޑޫގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށް ކުރަންޖެހޭ މަަސައްކަތް ކުރުމަށް އެކަމަށް ބޭނުންވާ އެއްބަސްވުމުގައި މިއަދު ހަވީރު ސޮއިކޮށްފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިފެށޭ މަޝްރޫޢުއާއެކު 26 މެގަވޯޓްގެ ކަރަންޓް ފޯރުކޮށްދޭނެ ނިޒާމު ގާއިމުކުރާނެ ކަމަށެވެ. އެ މަޝްރޫޢު އަންނަ އަހަރުގެ ޖުލައިމަސް އަންނައިރުގައި މުޅި މަޝްރޫޢު ނިމޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުވެގެންދާނެ މިކަމުގެ ސަބަބުން,"
މި މަސައްކަތަށް ހުރަސް އަޅާނެ ބަޔަކު އިންތިޚާބު ނުކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ވަރަށް ގިނަ ބާރުތައް ދީފައިވާ ކަމަށާ އެ ބާރުތައް ބޭނުންކޮށްގެން މިފަދަ މަޝްރޫޢުތަކަށް ހުރަސް އެޅިދާނެ ކަމަށެވެ. އެހެން ކަމުން އެފަދަ އެއްވެސް ފުރުސަތެއް ނުދެއްްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.





