އައްޑޫ ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑަރކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފިއެވެ.
ޕީޖީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގެ ތަޙުޤީޤު މުއްދަތު 2 މާރިޗު 2026 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
މި މައްސަލާގައި ތުހުމަތުކުރެވެނީ:
1. ސ. ހިތަދޫ، ކޮންމުލި، ޢަލީ ނަދީމް
2. ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖް
3. ސ. ހިތަދޫ، ދޮރުފޮތިމާގެ، ޙަސަން އަލްފާފު
4. ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުޙައްމަދު
5. ސ. ހިތަދޫ، ލޮބްސްޓަމް، ސަލާމް ސަޢީދު
6. ސ. ހިތަދޫ، ފަލާޙް، ޙާފިޘް ފައުޒީ
7. ދ. ހުޅުދެލި، ޢަންބަރީގެ، ޒަޙްނާ އަޙްމަދު
މި މައްސަލާގައި ކުރެވެނީ މައިގަނޑު 2 ތުހުމަތެކެވެ. އެއީ ޤާނޫނުލްޢުޤޫބާތުގެ 720 ވަނަ މާއްދާގެ ދަށުން، ކުށް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށް އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ ކުށެވެ.
ޕީޖީން ބުނީ މައްސަލަ ތަޙުޤީޤުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމާހަމައަށް ލިބިފައިވާ ހެކި ޤަރީނާ ވަޒަންކޮށް ބެލިއިރު، މި މައްސަލާގައި ތުހުމަތުކުރެވޭ މީހުން، ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑަރކުރިކަން ޤާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނުވާ ކަމަށެވެ.
އަދި މި މައްސަލައިގެ ތަޙުޤީޤު މުއްދަތު ޤާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން އިތުރުކޮށްދީފައިވީ ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ތަޙުޤީޤު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި، ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ހޯދިފައި ނުވާ ކަމަށެވެ.
"ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ކ) ގައި، ތަޙުޤީޤުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާނަމަ، ތަޙުޤީޤީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަންވާނެކަމަށް ބަޔާންކޮށްފައިވޭ. އެހެންކަމުން، މި ނިންމުމާއެކު މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ"، ޕީޖީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޖީން ބުނީ މި މައްސަލާގައި ދަޢުވާކުރެވޭ މިންވަރަށް މިވަގުތަށް ހެއްކާއި ޤަރީނާ ލިބިފައި ނުވާތީ މައްސަލަ ޑިކްލައިންކުރިނަމަވެސް، އައު ހެކި ލިބިއްޖެ ޙާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ވ) ގެ ދަށުން އަލުން ދަޢުވާކުރުމަށް އެދި ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށެވެ.





