ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހއ. ކެލާއަށް ގެންދިޔަ އައު އިންޖީނު ބަހައްޓައި، ޚިދުމަތަށް ބޭނުންކުރަން ފަށައިފިއެވެ.
ކެލާގައި ބޭނުންކުރަން މިފެށި އައު އިންޖީނު އެރަށަށް ގެންގޮސްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
ކެލާއަށް ގެންގޮސް ޓެސްޓް ކުރުމުގެ މަރުޙަލާ ނިންމައި، އިއްޔެ ޚިދުމަތަށް ބޭނުންކުރަން ފެށުނު މި އައު އިންޖީނަކީ 600 ކިލޯވޯޓުގެ އިންޖީނެކެވެ. މީގެ ކުރިން އެރަށުގައި ކަރަންޓު ދެމުންއައި ކެޕެސިޓީއަކީ 600ކ.ވ ކަމަށްވުމުން އަލަށް މި ބެހެއްޓުނު އިންޖީނާއެކު، 1000ކ.ވއަށް ކެޕޭސިޓީ އިތުރުކުރެވި، މެދުނުކެނޑި ކަރަންޓު ދިނުމުގެ ޤާބިލުކަން މިހާރު ވަނީ އިތުރުކުރެވިފައެވެ.
ކަރަންޓު ކެޕޭސިޓީ އިތުރުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފާއިތުވި ހަފްތާގައި ފެނަކައިން ވަނީ މުޅިން އައު 4 އިންޖީނު އެކި ރަށްރަށަށް ފޮނުވައިފައެވެ. އަދި އެ އިންޖީނުތައް ބަހައްޓައި، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.







