އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މިނާބްގައި ހުންނަ އަންހެން ކުދިންގެ ފަށާ ތައުލީމުދޭ ސްކޫލަކަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި 108 މީހުން މަރުވެއްޖެއެވެ.
އީރާނުގެ ނޫސް އެޖެންސީއެއް ކަމަށްވާ 'މީޒާން' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކުގެ ތެރެއިން، މިނާބްގެ 'ޝަޖަރޭ ތައްޔިބާ އައިއާރުޖީސީ ނޭވީ ގާލްސް ސްކޫލް' އަށް ދިން ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.
އީރާނުގެ ދައުލަތުން ހިންގާ މީޑިއާއެއް ކަމަށްވާ 'އިރްނާ' އިން ބުނި ގޮތުގައި މި ހަމަލާގައި އިތުރު 63 މީހަކު ޒަޚަމްވެފައިވާއިރު، އިމާރާތުގެ ކުނިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. މި ހަމަލާއަކީ މުޅި ސަރަހައްދުގެ މަސްލަހަތު ގަޑުބަޑުކޮށްލާފައިވާ އެމެރިކާ-އިޒްރޭލުގެ ގުޅިފައިވާ އަސްކަރީ ހަމަލާތަކުގެ ބައެކެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ މި ހަމަލާގައި ސުންނާފަތިވެފައިވާ ސްކޫލްގެ ފޮޓޯއެއް ހިއްސާކުރައްވައި، މިއީ ކުށެއްނެތް މައުސޫމު ކުދިންތަކެއް މަރާލުމަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަދި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މިފަދަ ލާއިންސާނީ ޖަރީމާތަކަށް ބަދަލުހިފާނޭ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ މި "ފާޅުކަން ބޮޑު ޖަރީމާ" ކުށްވެރިކޮށް، އދ. ގެ ސަލާމަތީ މަޖިލީހުން މިކަމާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.
އީރާނުގެ 'މެހެރް' ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިރަށް ތެހެރާންގެ އިރުމަތީގައި ހުރި އެހެން މަދަރުސާއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައިވެސް މަދުވެގެން ދެ ދަރިވަރުން ވަނީ ޝަހީދުވެފައެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާ ނުވަތަ އިޒްރޭލުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މީގެ ކުރިން 2025 ވަނަ އަހަރުގެ ޖޫން މަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައިވެސް އާންމު ރައްޔިތުންގެ ގިނަ ބަޔަކު މަރުވެފައިވެއެވެ. އީރާނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ފަހަރުގެ 12 ދުވަހުގެ ހަނގުރާމައިގައި އެތައް ހާސް އާންމުން ޝަހީދުވެ ނުވަތަ ޒަޚަމްވެފައިވާއިރު، ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.






