މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދައުލަތުގެ ކަމާގުޅުން ހުރި ހުރިހާ ފާރާތްތަކާއެކު އެ ސަރަޙައްދުގެ މަސްރަޙުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަރކޮށް ބަލަމުންދާ ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަޤުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް އެ ވުޒާރާއިން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ދިރާސާކުރަމުންދާ ކަމަށާއި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެނިހެން އަލްޓަރނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.
"ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަން"، އެ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ވުޒާރާއިން ބުނީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ އިޤުތިޞާދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.






