އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް މިއަދު ދޭން ފެށި ހަމަލާތަކާ ގުޅިގެން, ރައްދުގައި އީރާނުން ހަމަލާ ދޭ ގައުމުތަކުގެ ތެރޭގައި, ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނޭއިރު, އެ ގައުމުގައި ދިރިއުޅޭ ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގެއިން ބޭރަށް ނުނިކުތުމަށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އިލްތިމާސް ކުރައްވައިފިއެވެ.
އީރާނުން ރައްދު ހަމަލާ ދިން ގައުމުތަކުގެ ތެރޭގައި އެމެރިކާގެ ވައިގެ މަރުކަޒުތައް ހުންނަ ގައުމުތައް ކަމަށްވާ, ޔޫއޭއީ އާއި ސައޫދީ އަރަބިއްޔާގެ އިތުރުން ގަތަރާއި ބަހްރެއިން ވެސް ހިމެނެއެވެ. މިއީ ދިވެހީން އާއްމުކޮށް ގޮސް އުޅޭ, އަދި ދިރިވެސް އުޅޭ ގައުމުތަކެވެ.
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު އެ ގައުމަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތައް ދިފާއުކުރުމުގައި އެ ގައުމުގެ އަސްކަރިއްޔާއިން ވަރަށް ފުރިހަމަ ގާބިލުކަން ދައްކުވައިދީފައިވާ ކަމަށެވެ. ނަމަވެސް، މިސައިލްތައް ގޮއްވާލުމުގެ ތެރޭގައި އޭގެ ބައިތައް އަބޫދާބީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި، އޭޝިއާގެ ގައުމެއްގެ މީހަކު މަރުވެފައިވާ ކަމަށް އެ މިނިސްޓްރީން ކަށަވަރުކޮށްދެއެވެ. އަދި މި ހާދިސާގައި ބައެއް އިމާރާތްތަކަށާއި މުދަލަށް ގެއްލުން ލިބިފައިވެއެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން، ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ޚާއްސަ މެސެޖެއް ފޮނުއްވާފައެވެ. ސަފީރު ވިދާޅުވީ، ސަރަހައްދީ މަސްރަހު ހަލަބޮލިވެ، ވައިގެ ހަމަލާތަކުގެ ރިޕޯޓުތައް ލިބެމުންދާތީ، ޔޫއޭއީގައި ދިރިއުޅޭ ދިވެހީން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ގޭގައި މަޑުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން ކަށަވަރު މައުލޫމާތު ލިބުނުހާ އަވަހަކަށް ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.






