ދިވެހިރާއްޖެ އިން ނޭޕާލަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ ޢާއިޝަތު އަޒީމާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ނޭޕާލް ގެ ރައީސް ރައިޓް އޮނަރަބަލް ރާމްޗަންދުރަ ޕައުޑެލް އަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ޚާއްޞަ ރަސްމީޔާތު އޮތީ ކަތުމަންޑޫގައި ހުންނަ ނޭޕާލް ގެ ރައީސްގެ އޮފީސް ކަމުގައިވާ، ރާޝްތުރަޕަތީ ބަވަންގައެވެ.
ދިވެހިރާއްޖެ އިން ނޭޕާލަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަޤާމާ އަލްފާޟިލާ ޢާއިޝަތު އަޒީމާ ޙަވާލުވެވަޑައިގަތުމުން އެ ކަމަނާއަށް ނޭޕާލް ގެ ރައީސް ރާމްޗަންދުރަ ޕައުޑެލް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ނޭޕާލް އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ސަފީރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނޭކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ނޭޕާލް ގެ ރައީސް އެ ކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނޭޕާލް ގެ ރައީސް އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ރައްދު ކޮށްދެއްވިއެވެ.
-1771937761932.webp)
ސަފީރުގެ ފަތްކޮޅު އެރުވުމަށްޓަކައި ނޭޕާލަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ނޭޕާލްގެ ޚާރިޖީ ވަޒީރާއި، މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން، އަދި ފޮރިން ސެކްރެޓަރީ ގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ޢާއިޝަތު އަޒީމާ، ރާއްޖެއިން ނޭޕާލް އަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަން ކުރެއްވީ 17 ޖޫން 2025 ގައެވެ. އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރސްޓް ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ނަޖީލް އެ ކަމަނާގެ އަރިހުގައި، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.






