ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް ލީ ޗިއާންގއަށް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.
މިގޮތުން ރައީސް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި ސިޓީފުޅުގައި، "އިޔަރ އޮފް ދަ ހޯސް" އިން ރަމްޒުކޮށްދޭ ހަކަތައާއި، ސާބިތުކަމާއި، އަދި ހުއްޓުމެއްނެތި ކުރިއަށްދިއުމުގެ ރޫޙުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިއީ ގޮންޖެހުންތަކުން އަރައިގަނެ، އަމާޒެއް އޮވެގެން ކުރިއަށްދިއުން ދޭހަކޮށްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ފުރިހަމަ އިސްތިރާތީޖީ އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެ، ތަރައްޤީގެ ބައިވެރިންގެ ގޮތުގައާއި ގާތް އެކުވެރިންގެ ގޮތުގައި ދެޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރައްވާނެ ކަމުގެ އިތުބާރު އޮތްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގަށް ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރަކީ، ދެ ޤައުމަށް ފައިދާހުރި އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ އަހަރެއްކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ދެ ސިޓީފުޅުގައިވެސް، ދިވެހިރާއްޖެއިން އަބަދުވެސް "ވަން-ޗައިނާ ޕްރިންސިޕަލް" އަށް ފުރިހަމައަށް ތާއީދުކުރާކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމަށް ރާއްޖެއިން ދޭ މަތީ ޤަދަރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޗައިނާގެ ދެ ލީޑަރުންނަށް ހެޔޮ ސިއްޙަތާއި އުފާވެރިކަމަށް އެދިވަޑައިގެން، ޗައިނާގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ދެމެހެއްޓެނިވި ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި، ފާއިތުވި އަހަރުތަކުގައި ޗައިނާއިން ހޯދާފައިވާ އާދަޔާޚިލާފު ތަރައްޤީއަށް ތަޢުރީފުކުރައްވައި، އެ ޤައުމުގެ ރައްޔިތުންނަށް އުޖާލާ މުސްތަޤުބަލަކަށް އެދިވަޑައިގަތެވެ.
ޗައިނާގެ އައު އަހަރަކީ، "ސްޕްރިންގ ފެސްޓިވަލް" ގެ ނަމުންވެސް މަޝްހޫރު، ހަނދު ބަލައިގެން ފާހަގަކުރާ އައު އަހަރެވެ. މިއީ މުޅި ޗައިނާގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޗައިނާގެ މުޖުތަމަޢުތަކުން ކުލަގަދަކޮށް ފާހަގަކުރާ މުނާސަބަތެކެވެ.






