ހއ.ދިއްދޫގައި ޤާއިމްކުރާ ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ %95 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި އެ ޢިމާރާތުގެ ކޮންސެޕްޓަށް ގިނަ ބަދަލުތަކެއް ގެނެވި އެއްމަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކޮށް، ފެށިގެން މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން ޢިމާރާތުގެ އިންޓީރިއާ އަށް ގިނަ ބަދަލުތަކެއްގެނެވި އެ މަސައްކަތްތައް ކޮންޓްރެކްޓަރާ ޙަވާލުކުރެވިފައިވާ ކަމަށާއި، އިމާރާތަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހޮސްޕިޓާލިޓީގެ ދާއިރާއަށް ބޭނުންވާ ސްޕެޝިއަލައިޒްޑް ޓްރެއިނިންގްތައް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ހޮސްޕިޓާލިޓީ ވިންގެއް ހެދުން ކަމަށް އެ ވުޒާރާއިން ބުނެއެވެ. މި ވިންގުގައި، ކަލިނަރީ ކިޗަން އަކާއި ޕޭސްޓްރީ ކިޗަނެއްގެ އިތުރުން، ހައުސްކީޕިންގް އަދި ފްރަންޓް އޮފީސް ބައިތައް ކިޔަވައި ދިނުމަށް ރޫމް ސެޓަޕް، ލޯންޑްރީ އަދި ރިސެޕްޝަން އޭރިއާ އެއް ހެދިގެން ދާނެއެވެ.
ނަމަވެސް ޢިމާރާތުގައި، އެހެނިހެން ޓެކްނިކަލް ދާއިރާތަކަށް ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ޤާއިމް ކުރެވޭ ވޯކްޝޮޕްތައް މިހާރު މުޅިންހެން ނިންމާލެވިފައިވާ ކަމަށާއި، މި ވޯކްޝޮޕްތަކުގައި ކިޔަވައި ދިނުމަށް ބޭނުން ކުރެވޭ މެޝިނެރީޒް އަދި އިކުއިޕްމެންޓްތަކާއި ޓޫލްސްތައް ވޯލްޑް ބޭންކުގެ އެހީގައި މީރީ ޕްރޮޖެކްޓުން ހޯދިފައިވާ ކަމަށްވެސް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފއެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި މިހާރު ކުރިޔަށް ދަނީ ޢިމާރާތުގެ ކްލާސްރޫމްތަކަށާއި އެހެނިހެން ބައިތަކަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމެންޓް ހޯދުމުގެ މަސައްކަތެވެ. އަދި ތަނުގެ ހިންގުމުގެ ޕްލޭނާއި، އެހެނިހެން މަސައްކަތްތައްވެސް ކުރެވެމުންދާ ކަމަށާއި، މިހާރުވެސް އިންސްޓިޓިއުޓްގެ ބައެއް މުވައްޒިފުން ނެގިފައި ވާއިރު، އިތުރަށް ބޭނުންވާ މުވައްޒިފުން ނެގުމަށް ތައްޔާރުވަމުންދާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި ހޮސްޕިޓާލިޓީ ވިންގް ނިމި، އިންސްޓިޓިއުޓް ހިންގަން ފެށޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ މެދެއްހާ ހިސާބުގައެވެ.







