ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ގޮނޑި ކަށަވަރުވެއްޖެއެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިޢުލާނުކުރުމުގެ ކުރިން ނަންއަނބުރާ ގެންދިޔުމާ ގުޅިގެން، އިންތިޚާބީ ދާއިރާތައް ކަށަވަރުވި ކެންޑިޑޭޓުންގެ މަޢުލޫމާތު ހާމަކޮށްފިއެވެ.
އީސީން ހާމަކުރި މަޢުލޫމާތުން ދައްކާ ގޮތުގައި ޕީއެންސީ އަށް 69 ގޮނޑި ކަށަވަރުވެފައިވާއިރު، އިދިކޮޅު އެމްޑީޕީ އަށް އިންތިޚާބަކާ ނުލައި ކަށަވަރުވީ ހަ ގޮނޑިއެވެ.
އީސީން އާންމުކުރި މަޢުލޫމާތުން ދައްކާ ގޮތުގައި ކައުްނސިލް އިންތިޚާބުގައި ޕީޢެންސީން 28 ގޮނޑި ކަށަވަރުކޮށްފައިވާއިރު، އެމްޑީޕީން އެއް ގޮނޑި، އަދާލަތު ޕާތީ އެއް ގޮނޑި އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވި ތިން ފަރާތެއްގެ ގޮނޑި ވަނީ އިންތިޚާބަކާ ނުލައި ކަށަވަރުވެފައެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީއަށް 41 ގޮނޑި ކަށަވަރުވެފައިވާއިރު، އެމްޑީޕީއަށް ފަސް ގޮނޑި، އަދާލަތު ޕާޓީއަށް އެއް ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ފަރާތަކަށް ގޮނޑި ކަށަވަރު ކުރެވިފައިވެއެވެ.
ކުރިއަށް އޮތް އިންތިޚާބުތަކަށް ޖުމުލަ 2،994 ކެންޑިޑޭޓުން ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، 67 ކެންޑިޑޭތުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުން މި އަދަދު ވަނީ 2،927 އަށް މަދުވެފައެވެ.






