ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައިވަނީ 15 މީހުންނާ އެކު ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައި ކަމަށެވެ.
މިގޮތުން މި ދޯނީގައި އަލިފާން ރޯވިކަމުގެ ރިޕޯޓް މިއަދު 14:57 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އެކޯ-9 އަލިފާން ނިއްވާ ލޯންޗުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެން ފަށާފައިވާ ކަމަށާއި، ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިއަދު 16:46 ހާއިރު ދޯނި އަޑިއަށްގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވެގެން މާލެ ގެނެސް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ދިވެހީންނާއި ތިން ބިދެސީން ކަމަށް ފުލުހުން ބުނެއެވެ.







