އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން، ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.
މި ހިނގާ ފެބުރުވަރީ މަހުގެ 10 އިން 12 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމަކީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރެވޭ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ޕްރޮސީޖަރ މެނުއަލް) ތަންފީޒުކުރުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ބާއްވާ ތަމްރީނެއް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސްއާއި އެ ވުޒާރާ ގުޅިގެން ފެށުނު މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ، އަނިޔާ ލިބޭ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން، ރައްކާތެރިކަމާއި ސިއްރުވެރިކަން ހިފެހެއްޓޭނެހެން، އަދި އަޚްލާޤީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.
އެގޮތުން، މި ޕްރޮގްރާމުގެ ޒަރީއާއިން، ގެވެށި އަނިޔާ، ބައިވެރިޔާގެ ފަރާތުން ލިބޭ އަނިޔާ އަދި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތަކުގައި ކޭސް ވޯކަރުން ހަރަކާތްތެރިވާންޖެހޭ އެންމެ އެކަށީގެންވާ ގޮތްތަކާއި ގުޅޭ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެވިގެންދާނެ ކަމަށާއި، އަނިޔާ ލިބޭ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރާނެ ގޮތްތައް ވެސް ބައިވެރިންނަށް ދަސްކޮށްދެވިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.




