އެފްޑީސީ ޓަވަރުތަކުގެ އާންމު ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ 4،000 ހައުސިންގ ޔުނިޓުތަކުގެ އާންމު ސަރަހައްދުތަކާއި އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ބައެއް ފަރާތްތަކުން ކުނި އުކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފްޑީސީން ބުނީ މިގޮތަށް އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، މިއީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވާއިދާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ އިމާރާތްތަކުގެ ކޮރިޑޯތަކާއި، ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާ ކަމެއް ކަމަށާއި، ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްތަކުގައި އެކަމަށް ޚާއްޞަކޮށްފައިވާ ކުނިވަށިތަކަށް ކަމަށެވެ. އަދި ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި، ފުޅިމަދު އަދި އެ ނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.
"އިމާރާތާއި، ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް މި ކޯޕަރޭޝަނުން ނަސޭހަތްތެރިވަން. އަދި ގަވާއިދާ ޚިލާފަށް ކުނި އުކާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެފްޑީސީން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖޫރިމަނާ ކުރަމުންދާނެކަން އާންމުކޮށް އަންގައި އިޢުލާންކުރަން"،
އެފްޑީސީގެ ބަޔާނުގައި ވެއެވެ. އެފްޑީސީން ހާމަކުރާ ގޮތުގައި އުސޫލާ ޚިލާފުވި ބައެއް ފަރާތްތަކާމެދު ފިޔަވަޅު އަޅައި މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ.




