ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ފެބުރުވަރީ 8 ވަނަ ދުވަހުގެ ރޭ 12:45 ހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގެ ކާރު ލޭންގައި މަޑުކޮށްގެން އޮތް ކާރެއްގައި ފަހަތުން ދުއްވާފައި އައި އެހެން ކާރެއް ޖެހި، ކޮންޓްރޯލުން ނެއްޓި ސައިކަލު ލޭނަށް އަރައި، އެ ވަގުތު ދަތުރުކުރަމުންދިޔަ އިތުރު ހަތަރު ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އެއީ ހަތަރު ދިވެހި ފިރިހެނުން ކަމަށެވެ.
އަދި އެމީހުންގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު، އަނެއް ދެ މީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތަކަށް އެކި ވަރުގެ ގެއްލުން ވެފައިވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.




