ސަރުކާރުން އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ އައިނު ފިހާރަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.
ރައްޔިތުން އައިނު ހައްދަން ކުރާ ބޮޑު ހަރަދުތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށް ސިއްހީ ހިދުމަތުގެ ތެރެއިން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން، އައިނު ހެއްދޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސަވާފައެވެ.
އެގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކުރި މި އައިނު ފިހާރައަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިީއެޗް) އިން ހުޅުވި ތިންވަނަ އައިނު ފިހާރައެވެ. އެމްސީޖީއެޗުން މިހާރު ވެސް އަންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާއި ހިދުމަތްދެމުންނެވެ.
އޭއީއެޗްގައި ސަރުކާރުގެ އައި ފިހާރަ ހުޅުވީ ހޮސްޕިޓަލަށް ވަންނަ މައި ދޮރާވީ ފަޅިން ހޮސްޕިޓަލުގެ ބޭރުން ވަދެވޭ ގޮތަށެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިނު ފިހާރައިގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށިގެން ދިއުމަކީ، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ސީދާ ގުޅިފައިވާ ނުހަނު ބޭނުންތެރި ކުރިއެރުމެއް ކަމަށެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މި ޚިދުމަތް ގާއިމުކޮށް، ރަސްމީކޮށް އިފްތިތާހު ކުރެވިގެން ދިއުމަކީ އައްޑޫ އަދި ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން އެތަށް ފަސޭހަކަމެއް ގެނުވާނެކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއަދަކީ އައްޑޫ ސިޓީގެ އިތުރުން ދިވެހިރާއްޖޭގެ ދެކުނުގެ ސިއްހީ ދާއިރާއަށް ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ދުވަހެއް. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިނު ފިހާރައިގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށިގެން ދިއުމަކީ، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ސީދާ ގުޅިފައިވާ ނުހަނު… pic.twitter.com/JrFFZfTVfk
— Haleem (@22halex) February 7, 2026
ރާއްޖޭގައި އައިނު ހެއްދުމަށް ބޮޑު ޚަރަދު ކުރަންޖެހުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ. އަދި، މީގެކުރިން އައިނު ހެއްދުމަށް އާސަންދައިގެ ދަށުން ދެމުންގެންދިޔައީ 1000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 2000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ.






