ދިވެހިރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމާއި މެނޭޖުކުރުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި "2 ވަނަ ނޭޝަނަލް ފޯރަމް އޮން ޕްރޮޓެކްޓެޑް އޭރިއާސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ފެބުރުވަރީ މަހުގެ 3 އިން 5 އަށް، ތިން ދުވަހުގެ މުއްދަތަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްގެންދިޔަ މި ފޯރަމްގައި ރާއްޖެއާއި ބޭރުގެ ކަމާގުޅޭ 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ "30×30" ބަޔޯޑައިވަރސިޓީ އަމާޒަށް ވާސިލްވުމަށް ރާއްޖެއިން އެކުލަވާލާފައިވާ ރޯޑްމެޕްގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.
މީގެ އިތުރުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މޮނިޓަރކުރުމާއި މެނޭޖުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށް، އެ ސަރަހައްދުތަކުން ތިމާވެށީގެ އިތުރުން އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ދާއިމީ މަންފާތަކެއް ލިބޭނެ މަގުތައް ކަށަވަރުކުރުމަކީ ވެސް މި ފޯރަމްގެ މުހިންމު ބޭނުމެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ މި ހަރަކާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި އިނގިރޭސިވިލާތުގެ އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް، އައި.ޔޫ.ސީ.އެން އަދި މޯލްޑިވްސް ރެޒިލިއަންޓް ރީފްސް ގުޅިގެން އިންތިޒާމުކުރި ފޯރަމެއް ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި ފޯރަމްގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކާއި އެކަންކަމަށް ހުރި ހައްލުތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މުހިންމު މައުލޫމާތުތަކެއް ބަދަލުކުރެވިފައިވާ ކަމަށެވެ.




