އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ މަދުވެގެން 21 މީހަކު ޝަހީދުވެފައިވާ އިރު، ރަފަހް ބޯޑަރު ހުރަސްކޮށް ބަލިމީހުން ބޭރުކުރުން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާގެ އުތުރުގައިވާ އަލް-ތުއްފާހް އަދި އަލް-ޒައިތޫން އަވަށަށް ފަތިހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި 11 މީހަކު ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން، އިޒްރޭލު ސިފައިން ވަނީ މެދުތެރޭ ޣައްޒާގެ ދައިރުލް ބަލަހް އަދި އަލް-ބުރައިޖް ރެފިއުޖީ ކޭމްޕަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި އަލް-މަވާސީގައި ހުންނަ ފޭލިގެތަކަށް ދިން ހަމަލާތަކުގައި މަދުވެގެން ދެ މީހަކު ޝަހީދުވެ 12 މީހަކު ޒަޚަމްވެފައިވާ އިރު، އޭގެ ތެރޭގައި ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ޕެރާމެޑިކަކު ވެސް ހިމެނެއެވެ.
ފަލަސްޠީނުގެ ޚަބަރު ފަތުރާ ވަފާ އޭޖެންސީން ބުނި ގޮތުގައި، ޚާން ޔޫނިސްގެ ދެކުނުން އޮންނަ ގީޒާން ރަޝްވާން ސަރަހައްދަށް އިޒްރޭލުން ދިން އާޓިލަރީ ހަމަލާތަކުގައި މަދުވެގެން ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހުން ފެށިގެން ހިނގަމުންދާ މި ހަމަނުޖެހުންތަކުގައި މިހާތަނަށް ފަލަސްޠީނުގެ 529 މީހުން ޝަހީދުވެ، 1,462 މީހުން ވަނީ ޒަޚަމްވެފައެވެ.




