މާލޭ ނޯތު ހާބަރު ބޭރުތޮށީގައި އޮއްވައި، ދިޔަވާން ފެށި "ރަސްރީތި" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓުން ދިޔަ ހިއްކުމުގައި ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި އަޅާފައި އޮއްވައި، އެ ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 08:38 ހާއިރު ކަމަށާއި، އެ މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް، ޑައިވްކޮށްގެން އެ ބޯޓްގެ އަޑިން އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބަލާފައިވާ ކަމަށެވެ.
އަދި ބެލުބެލުމުން އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ފާހަގަވެފައިވާ ކަމަށާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ޕަންޕު ބޭނުންކޮށްގެން އެ ބޯޓުން ދިޔަ ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން ބުނީ އެފްއާރުއެސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ދިޔަހިއްކުމަށް ކުރި މަސައްކަތުން، މިއަދު 09:51 ހާއިރު ބޯޓުގެ ދިޔަގަނޑު އެއްކޮށް ހިއްކާފައިވާ ކަމަށެވެ.




