ދަރިވަރުންގެ ކިބައިގައި އަޚްލާޤީ ރީތި ސިފަތަކާއި އާދަތައް އަށަގަންނުވައި، ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ "ބިންގާ" ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފަށައިއެވެ.
ތަޢުލީމީ ވުޒާރާއިން ބުނީ މި ޕްރޮގްރާމަކީ ތަފާތު ތީމްތަކަކަށް ބަހާލައިގެން، މުޅި އަހަރު ދުވަހަށް ދެމިގެންދާގޮތަށް ރޭވިފައިވާ ހަރަކާތެއް ކަމަށެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި "ބިންގާ" ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސްކޫލްތަކާއި، ބެލެނިވެރިން އަދި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު، ދަރިވަރުންނަކީ އަޚްލާޤީ ގޮތުން ފުރިހަމަ، ނަމޫނާ ބަޔަކަށް ހެދުމެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ދީނީ އަދި އަޚްލާޤީ އަސާސްތައް ވަރުގަދަކޮށް، ހަރުދަނާ އުޞޫލުތަކެއްގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމެވެ.
މިގޮތުން، ފަރުޟު ފަސް ނަމާދަށް ބާރުއެޅުމާއި، އިޙްތިރާމްކުރުމާއި ޒިންމާދާރުވުން ފަދަ މަތިވެރި ސިފަތައް އަށަގެންނެވުމަށްޓަކައި، ކޮންމެ މަހަކުވެސް ވަކި ޚާއްޞަ ތީމްތަކަށް ދަށުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރެއެވެ.
އަދި ސްކޫލްގެ އިސްވެރިންގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގާ މި ޕްރޮގްރާމްގައި، ކޮންމެ މަހަކު ބާއްވާ ޚާއްޞަ އެސެމްބްލީތަކުގެ ޒަރިއްޔާއިން، ކަނޑައެޅޭ މައުޟޫޢުތަކަށް ދަރިވަރުންގެ މެދުގައި މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.





