އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ނަމުގައި އައު ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފިއެވެ.
އެސްއެމްއީން ވިދާޅުވީ، މި ފައިނޭންސިންގެ މަޤްޞަދަކީ މިހާރުވެސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ. މިގޮތުން، ވިޔާފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި، އާމްދަނީ އިތުރުކުރުމަށް އައު ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި ފުޅާކުކުރުމަށް އައު އައުޓްލެޓްތައް ހުޅުވުމަށްވެސް މި ފައިނޭންސިންގ ބޭނުން ކުރެވިދާނެ ކަމަށް އެސްއެމްއީން މަޢުލޫމާތު ދެއްވައެވެ.
މި ފައިނޭންސިންގެ ދަށުން އެއްވެސް ރަހުނަކާނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭއިރު، ޖުމްލަ 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެއެވެ.
ވިޔަފާރިތަކަށް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތު ދިނުމަށް، ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެއެވެ.






