އަންނަ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތައް ހޯދައިދީ ހާއްސަ އިނާޔަތްތަކެއް ދިނުމަށް ނިންމާ އިކޮނޮމިކް މިނިސްޓްރީން ބައެއް ކަންކަން ހާމަކޮށްފިއެވެ.
އެގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުދާ އެތެރެކުރުމަށްފަހު ގުދަންކުރުން ކަމަށްވާތީ މި މައްސަލަތައް ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީންވަނީ ހާއްސަ ސިޔާސަަތެއް އެކަށައަޅާފައެވެ. އެއީ މާލޭ ސަރަހައްދާއި، ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީގައި މެދު އަދި ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން މުދާ ރައްކާކުރެވޭނެ ތަންތަން ގާއިމުކޮށް، ހެޔޮ އަގުގައި ރައްކާތެރިކަމާއެކު ގުދަންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މުދާ ކްލިއާކުރުން އަވަސްކުރުން
އިގުތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އެމްޕީއެލްއިން މުދާ ކްލިއާކުރުން މިހާރަށްވުރެ އަވަސްކުރުމާއެކު، ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖައްސައި އެކަންކަން މިނިސްޓްރީން ކައިރިން ބަލަމުންދާނެ ކަމަށެވެ.
ދިވެހިންނަަށް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ވިޔަފާރިތަކުގެ ޝަކުވާތައްވެސް ރައީސާ ހަމައަށް އުފުލާފައިވެއެވެ. އެފަދަ ވިޔަފާރިތައް ޓޫރިޒަމް ވިޔަފާރިތަކުގެ ގޮތުގައި ގިންތިކޮށް ޓީޖީއެސްޓީ ނެގުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ހުއްދަތައް ހޯދުމުގައި ގިރާކުރަންޖެހޭ ހުރަސްތަކެވެ. އަދި އެފަދަ ތަންތަނަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކް ޕާމިޓް ނުލިބުމުގެ މައްސަލައެވެ.
އެކަންކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އެފަދަ ވިޔަފާރިތައް ރަޖިސްޓްރީކުރުމުގައި އަދި ހުއްދަތައް ހަމަޖެހުމުގައި ކުރިން ދިމާވަމުން އައި ހުރިހާ ދަތިތަކެއް މިހާރު ހައްލުކޮށްދެވިފައިވާ ކަމަށެވެ. އަދި އެފަދަ ވިޔަފާރިތަކަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ނެގުމަށް ދޫކުރާ ވޯކް ޕާމިޓް ނުލިބުމުގެ މައްސަލަވެސް ހައްލުކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބައްދަލުކުރެއްވުމުން، ވިޔަފާރިވެރިންވަނީ އެކި ދާއިރާތަކުން ކުރިމަތިވަމުންދާ ބޮޑެތި ގިނަގުނަ ގޮންޖެހުންތަކާއި ދަތިތައް އެމަނިކުފާނާ ހިއްސާކޮށްފަައެވެ. އެ ކަންބޮޑުވުންތަކުގެ އަލީގައި ކުރިއަށް އޮތް ދެ އަހަރަކީ އެސްއެމްއީތަކުގެ ތަރައްގީއަށް ހާއްސަަ މަސައްކަތްތަކެއް ކުރެވިގެންދާނެ ދެ އަހަރުގެ ގޮތުގައި ރައީސް ކަނޑައެޅުއްވިއެވެ.




