ހުޅުމާލޭ ގެސްޓުހައުސް ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ޑިސެމްބަރު 29 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިސްޓް ޕޮލިހާއި ނެއިބަހުޑް ޕޮލިސް ގުޅިގެންނެވެ. މި ޕްރޮގްރާމަކީ ހުޅުމާލޭގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން ބީޗުގައި އުޅޭ މައްސަލަ ހުއްޓުވުމަށް ގެސްޓުހައުސް ތަކުގެ ވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި، ފަތުރުވެރިން ބިކިނީ ލައިގެން މޫދަށް އެރުމާއި ބީޗުގައި ހަރަކާތްތެރިވުން އިތުރުވަމުން އަންނާތީ، އެކަން އެގޮތަށް ނުކުރުމަށް ފަތުރުވެރިންނަށް މައުލޫމާތު ދިނުމަށާއި، ބީޗުގައި އުޅޭއިރު އަގުބޮޑެތި މުދަލަށް ސަމާލުވުމަށް ފަތުރުވެރިންނަށް އަންގައިދިނުމަށް ވެސް އިރުޝާދު ދީފައިވެއެވެ.
މީގެ އިތުރުން، މިދުވަސްވަރަކީ ހައި ސީޒަންއަށް ވުމާއެކު ބުކިންގ މައްސަލަތަކުން ސަލާމަތްވުމަށް ފަތުރުވެރިންނަށް ރަނގަޅު އިރުޝާދު ދިނުމަށާއި، ޕޭމަންޓާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ދުރާލައި ކުރުމަށާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވެސް އިރުޝާދު ދީފައިވެއެވެ.




