ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް ގެނެސްދެއްވަނީ ޒަމާންވީ އިހުގެ ސަގާފަތާއި އެއްގޮތަށް ކަމަށާއި އެކަން ނުގެއްލޭ ގޮތަށް ޑިޖިޓަލް ޒަމާނެއްގައި ރޭޑިޔޯ ޕްލެޓްފޯމް ކުރިއަރައިގެން އަންނަތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ގެ ޚާއްޞަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ޕްރޮގްރާމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިބް ރައީސް ވިދާޅުވީ މިހާރުގެ ޖެނެރޭޝަނަށް ބޭނުންވާކަހަލަ ޝޯތައް ރޭޑިއޯ މެދުވެރިކޮށް ގެނެސްދެވެން ޖެހޭ ކަމަށާއި ރޭޑިއޯ އަކީ މިހާރުގެ ޖެނެރޭޝަނާއި ގުޅިފައިވާ އެމީހުންގެ އިތުބާރު ލިބިފައިވާ ތަނަކަށް، ރޭޑިއޯ އަބަދުވެސްވާން އެބަޖެހޭ ކަމަށެވެ. ރޭޑިއޯގެ ޒަރީއާއިން ޤައުމުގައި ހިނގާ ކަންކަމާއި އެންމެ ފަހުގެ މަޢުލޫމާތު ލިބެމުން އަންނަ ކަމަށާއި ރޭޑިއޯ އަކީ މުޖުތަމަޢު ހަމަމަގަށް އެޅުވުމަށް ފުރުސަތުލިބޭ ތަނެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރޭޑިއޯ އަކީ، ފުރިހަމަގޮތުގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ އަދި ރައްޔިތުންނާއި ގުޅިފައިވާ ތަނެއްގެ ގޮތުގައި ވެގެންދާ ދުވަސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Vice President Uz @HucenSembe appears as a special guest on the morning show 'Baajjaveri Hendhuneh', accompanied by his spouse Aishath Afreen Mohamed, to commemorate the 63rd anniversary of @PSM_ADU. The programme provided members of the public with an opportunity to interact… pic.twitter.com/LOcy1fsSy9
— The President's Office (@presidencymv) December 29, 2025
ޤައުމު ބިނާކޮށް، ހަމަޖެހޭތަނެއްގެ ގޮތުގައި ދެމިއޮތުމުގައި ދިވެހިރާއްޖޭގެ އަޑަކީ ވަރަށް މުހިންމު ރޯލެއް އަދާކުރެވޭނެ ތަނެއްކަން ފާހަގަކުރައްވައި، ދިވެހިރާއްރޭގެ އަޑުން ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަންނަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރޭޑިއޯއިން ގެނެސްދޭ އެކި މައުލޫމާތު ހެޔޮގޮތުގައި ބޭނުންކުރެއްވުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނާއި އަދި ޚާއްޞަކޮށް ޤައުމުގެ ޒުވާނުންގެ ފަރާތުން އެދިވަޑައިގެންފައެވެ.
ޤައުމީ ޚިދުމަތެއްގެ ގޮތުގައި ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ދިވެހިރާއްޖޭގެ އަޑުން ކުރައްވަމުން ގެންދަވާ މަސައްކަތާއި، ރާއްޖޭގައި އިޖުތިމާޢީ އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ވެރިންނާއި، މިހާރުގެ ވެރިން އަދި މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގެ ދެކަނބަލުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުން ވަނީ އަމިއްލަފުޅު ދިރިއުޅުއްވުމާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގެ ބައްޕާފުޅާއި، އެމަނިކުފާނުގެ އުސްތާޛެއްގެ އިތުރުން ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދެއްވި ފަރާތްތަކާވެސް، ޕްރޮގްރާމުގެ ތެރެއިން އެމަނިކިފާނު ވަނީ ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.



