ކުރިޔަށް އޮތް ދެ އަހަރަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ ދެ އަހަރު ގޮތުގައި ކަނޑައަޅުއްވާ، ޖެނުއަރީ 1، 2026 އިން ފެށިގެން އެކަންކަން ތަންފީޒު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި މިކަން ހިއްސާ ކުރައްވާ މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމަވާފައިވާ ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް…
— Dr Mohamed Muizzu (@MMuizzu) December 28, 2025
އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު ދުވަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ތަންފީޒު ކުރައްވާނެ ކަންކަމުގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވުނު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިވެރިން ހުށަހެޅުއްވި ޚިޔާލުތަކަށް ރިޢާޔަތްކުރައްވާ، ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވައި، މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވުމަށް ނިންމަވާފައެވެ. މި ނިންމެވުމާއި އެއްގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ 25 ޑިސެންބަރު 2025 އިން ފެށިގެން މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.




