ސަރަޙައްދީ ޤައުމުތަކުގައި ދިވެހިން ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ތަހުޤީގުތަކުން ފާހަގަަކުރެވެމުންދާކަމަށް ދިވެހިން ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ފަރާތުން ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިނިސެޕްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ ފަހަކަށް އައިސް ސަރަޙައްދީ ޤައުމުތަކުގައި ދިވެހިން ޤާއިމްވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އެއަރ ކާގޯއާއި ސީ ކާގޯ މެދުވެރިކޮށް އަދި އިލެކްޓިރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ފޮނުވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ސަރަޙައްދީ ޤައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ 3 ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެ މީހުންގެ ތެރޭގައި ޖިނާޢީ އެކި މައްސަލަތަކުގެ ރެކޯޑް އޮތް މީހުން ތިބިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފުލުހުން އާންމު ކުރެއްވި ގޮތުގައި ތައިލޭންޑް އާއި މެލޭޝިއާ ފަދަ ޤައުމުތަކުގައި ދިވެހިން ތިބެގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަމުން އަންނަކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.
"އެކަން އެމަގުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމާއި ނުވަތަ އެހީތެރިކަން ހޯދުމާ ބެހޭ ޤާނޫނުގެ ތެރެއިން އަވައްޓެރި ޤައުމުތަކާއި ދުނިޔޭގެ އެކި ޤައުމުތަކާ އެއްކޮށް މިދަނީ ތަޙްޤީގު ތެރެއިން ފުޅާ މަސައްކަތްތަކެއް ކުރަމުން."ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިނިސެޕްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވިއެވެ.
ނާއިފް ވިދާޅުވީ ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި ދިވެހިން ޤާއިމްވެ ތިބެގެން ޖިނާޢީ ކުށް ކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް އެމީހުން ރާއްޖެ ގެނެސްގެން އެމީހުންގެ މައްޗަށް ތަޙްޤީގު ހިންގާނެކަމަށެވެ. މީގެ އިތުރުން ބައެއް ފާރާތްތަކުން ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ފަދަ ކަންކަމުގައި އަވައްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްތާކުގެ އެހީ ހޯދާއިގެން އެމީހުން އަތުލައިގަތުމުގެ މަސައްކަތް ކުރައްވާކަށްވެސް އޭނާ ވިދާޅުވިއެވެ.




