ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލް، ޓީ1 އިން ސްރީލަންކަން އެއާލައިންސް އަށް ޚިދުމަތް ދޭން ފަށައިފިއެވެ.
މިގޮތުން އައު ޓަރމިނަލުން ސްރީލަންކަން އެއާލައިންސްގެ އޮޕަރޭޝަންތައް ފަށާފައިވަނީ ޑިޕާޗަރ ސަހައްދުގައި ބޭއްވި ރިބަން ކެނޑުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ.
26 ޖުލައި 2025 ގައި ހުޅުވި ވީއައިއޭގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ އެއާބަސް އޭ330 މަތިންދާބޯޓަށެވެ. ސްރީލަންކަން އެއާލައިންސް އަކީ ވީއައިއޭގެ ޓަރމިނަލް 1 އިން ޚިދުމަތް ދޭން ފެށި 33 ވަނަ އެއާލައިނެވެ.
ސްރީލަންކަން އެއާލައިންސް އަށް ޓީ1 އިން މަރުޙަބާ ކިޔާފައިވަނީ ފެނުގެ ސެލިއުޓަކުންނެވެ. އަދި ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް އައު ޓަރމިނަލުން މަރުޙަބާ ދެންނެވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، މުޙައްމަދު ރިޒްވީ ޙަސަނާއި، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ، އިބްރާހީމް ޝަރީފް މުޙައްމަދާއި، ޑީއެމްޑީ މުޖުތަބާ ލަތީފްގެ އިތުރުން ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރ، ނަޔޯމީ ޓެނަކޫން އެވެ.
ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.
އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.





