ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޢާންމުކުރައްވައިފިއެވެ.
މީޑިއާ ކޮމިޝަނުން ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ޢަމަލުކުރަންޖެހޭ ގޮތުގެ ސުލޫކީ މިންގަނޑެއް ޢާންމުކުރުމަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަމެކެވެ.
މި އުޞޫލުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ނަގަހައްޓަންޖެހޭ ހަމަތަކާއި ޕްރޮގްރާމިންއާއި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންވީ އުސޫލުތަކާއި މިންގަނޑުތަކާއި މައުލޫމާތު ހާމަކުރުމުގައި އިސްކަންދޭންވީ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ.
ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ނޫސް ނުވަތަ މަޖައްލާއަކުން، ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
މީގެ އިތުރުން ސުލޫކީ މިންގަނޑާ މީޑިއާގައި މަސައްކަތްކުރާ ފަރާތެއް ނުވަތަ ނޫސްވެރިއެއް ޚިލާފުވެއްޖެނަމަ، ޤާނޫނާ ޚިލާފަށް ކުރި ކަމެއް ރަނގަޅުކުރަން އެންގިދާނެއެވެ.





