ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުން މުހައްމަދު ނިޔާޒު، ރިޓަޔާކުރައްވައިފިއެވެ.
ހައިކޯޓުގެ އެންމެ ގިނަ ދުވަސްވީ އެއް ފަނޑިޔާރު ކަމަށްވާ ނިޔާޒު، ރިޓަޔާކުރައްވާފައިވަނީ މިއަދެވެ. ފަނޑިޔާރުކަމުން ރިޓަޔާވުމަށް ނިޔާޒު ހުށަހަޅުއްވާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ނިޔާޒު ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމުންވެސް އިސްތިއުފާ ދެއްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިޔާޒު މަގާމުން ރިޓަޔާވުމަށް ހުށަހެޅުއްވި އިރު، އޭނާއާ ގުޅޭ ފަސް ސުލޫކީ މައްސަލައެއް ޖޭއެސްސީން ދިޔައީ ބަލަމުންނެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ނިޔާޒު ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.







