މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެއް އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެ ކަމަށާއި ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެ ކަމަށް އެ އޮފީހުން ބުނެއެވެ
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން، ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ ACCA / CIMA ގެ މެމްބަރޝިޕް ޙާޞިކޮށްފައިވުން އަދި، މި ތަޢުލީމީ ސަނަދުޙާޞިލްކުރުމަށްފަހު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ނުވަތަ އެ ފަރާތަކީ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން، ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މި ތަޢުލީމީ ސަނަދުޙާޞިލްކުރުމަށްފަހު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައާއި ޢިނާޔަތްތައް ހިމެނޭގޮތަށް ޖުމްލަ 50,000.00ރ ގެ ޖުމްލަ މުސާރައެއް ލިބޭނެއެވެ. ޕެންޝަން އޮފީހުން ވަނީ މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ޑިސެންބަރު 17 ވާ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.





