އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ހާމަކުރި ގޮތުގައި މިމީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކޮށްފައި. އެގޮތުން ސ. ހިތަދޫ / ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) އިއްޔެ ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަ ކަމަށް ފުލުހުން ބުންޏެވެ.
“އޮޕަރޭޝަން އަލިމަގު” ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތައް ޑިސެންބަރު މަހުގެ 3 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
އެއީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.
މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެންނެވެ. އަދި މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ހޯދިފައިވާއިރު، ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.





