ހިޔާ ފުލެޓުތަކުގެ އަގަށް ގެނައި ބަދަލުތައް މައި ހުޅުމާލެ ޕޯޓަލުން މިހާރު ފެންނާނެ ކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިޞްލާޙު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު "މައި ހުޅުމާލެ ޕޯޓަލް" އިން މިހާރު ފެންނާނެ ކަމަށެވެ.
އެހެންކަމުން ހިޔާ ފުލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތައް މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށް އެއްބަސްވުމުގެ އިޞްލާޙު ފުރިހަމަ ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިޔާ ފުލޭތުތައް މަރާމާތުކުރުމަށް ރައްޔިތުން ޚަރަދުކުރި މިންވަރަށް ވާ 200،000ރ. ހަތް އަހަރަށް ބަހާލައިގެން ކުލިން ކުޑަކުރަން ނިންމަވައިފައެވެ. އެއާއެކު ހިޔާ ފުލެޓުތަކުގެ ކުލި ވަނީ މެއިންޓަނަންސް ފީއާއެކު 4،984ރ. އަށް ކުޑަކޮށްފައެވެ. އޭގެ ކުރިން ހިޔާގެ ކުލީގެ ގޮތުގައި ނަގަމުން އައީ މެއިންޓަނަންސް ފީއާއެކު 8،500ރ. އެވެ.
މިދިޔަ ނޮވެންބަރު މަހުގެ 16 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 އިންސައްތައިން 10 އިންސައްތައަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމުގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 އިންސައްތައިން 8 އިންސައްތައަށް ކުޑަ ކުރުން، އެއީ ކުރެވިދާނެކަމެއްކަމަށް ބީ.އެމް.އެލް. އިން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިއާއެކު، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ދަންނަވާފައިވާނެކަމަށް ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.






