ލ. ގަމުގެ ބޮޑު ބަޔަކަށް މިރޭ ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވޭ ކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ލ. ގަން ފެނަކަ ބްރާންޗްގައި ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަމުގައި ފެނަކަ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ރަސުން ކަރަންޓު ކެނޑިފައިވާ މި ދަނޑިވަޅުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ކަރަންޓު ދިނުމަށް ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން ފެނަކައިން ބުނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށާއި، އެނެކްސް ދެއަކަށް އަލިފާނުގެ އަސަރު ކޮށްފައި ނުވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ފާހަގަވެފައިވާ ގޮތުން، ގެއްލުން ވެފައިވަނީ އެ ރަށަށް ކަރަންޓު ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ކަމަށާއި، މި ހާދިސާގެ ސބަބަުން އިންޖީނުގެއަށާއި ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިހާރު އެ ރަށަށް ފެނުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި، ނަރުދަމާ ނިޒާމުގެ މަސައްކަތަށް ޚާއްޝަ ޓީމްތަކުން ދަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށެވެ.
އަދި މި ހާދިސާގެ ސަބަބުން ލ. ގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށްވެސް އެދިފައެވެ. ފެނަކައިން ވަނީ މި ދަނޑިވަޅުގައި ރައްޔިތުން ދެއްވ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ.






