ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވިފައިވާ "ދް ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ، ގ. މާވަނި، ޑރ. ޙުސައިން ސަނީ 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މިކަން ހާމަކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ސަނީ ޢުމަރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ ދަށުން އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުން އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ހުށަހެޅުމާ އެއްގޮތަށް އޭނާ 30 ދުވަހުގެ މުއްދަތަަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވާ ކަމަށެވެ.
މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ޤަޞްދުކުރާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ސަނީ ޢުމަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށް، އެއާޕޯޓަށް ފުރަން ގޮސް ހުއްޓާއެވެ
މީސްމީޑިއާގައި ދައުރުވި ޕޯސްޓުތަކުގައި ބުނެފައިވާ ގޮތުން ޑރ. ސަނީ ޢުމަރު ވަނީ އޭނާގެ އަނބިމީހާގެ ޢާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައެވެ. މިގޮތުން މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން ޢާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރަން ސަނީ ޢުމަރު ފަށާފައިވާ ކަމަށާއި، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށްވެސް އަނިޔާ ލިބުނު ކުދިންގެ ޢާއިލާއިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދަ ޓްރެވަލް ގައިސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަނީ ޢުމަރަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އޭނާ އެ ކުންފުނިން ވަކިކޮށް ހިއްސާތައް އަތުލަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވަލޫޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެންވެސް ހިންގަމުން އައީ ބައިނަލްއަޤްވާމީ މައި ޓީމަކާއެކު ކަމަށާއި، އެ މީޑިއާގެ ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންތަކުގައި ސަނީގެ ބައިވެރިވުމެއް ނެތް ކަމަށެވެ.






