ރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން އުފެދިފައިވާ ވިއްސާރަ ވިލާތަކާއެކު ކުރަމުންދާ ވިއްސާރަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މިވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށްކަމަށް މެޓުން މައުލޫމާތުދެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާ ކައިރިން 2 ސަރަޙައްދެއްގައި އުފެދިފައިވާ ތޫފާންތަކާއެކު ކުރަމުންދާ ވިއްސާރަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މެލޭޝިއާ ސަރަޙައްދުގައި އަދި ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާންތަކާއެކު މިވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށްވަނީ ވިއްސާރަކޮށްފައެވެ.
މެލޭޝިއާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނުގެ ބާރު މިހާރު ދަށްވެފައިވާއިރު ލަންކާ ސަރަޙައްދުގައު އުފެދިފައިވާ ތޫފާން ރާއްޖެއާއި ދުރަށް މިހާރުދަނީ ދަތުރުކުރަމުންނެވެ. އެހެންނަމަވެސް މިތޫފާނުގެ ސަބަބުން އުފެދިފައިވާ ވިއްސާރަ ވިލާތަށް ރާއްޖެ ސަރަޙައްދަށް އަރަމުންދާއިރު އޭގެ ސަބަބުން މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށާއި ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ވިއްސާރަކުރާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.
ސްރީލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑު ތޫފާން "ޑިޓްވާ" އަށް ބަދަލުވެ އެގައުމަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 69 މީހުން މަރުވެ، 34 މީހުން ވަނީ ގެއްލިފައެވެ.
ބޯވިއްސާރައިގެ ސަބަބުން ލަންކާގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ވިއްސާރައިގެ ސަބަބުން ކޯރުތައް ބަންޑުންވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް އެ ގައުމުން ވަނީ ރިޕޯޓް ކޮށްފަ އެވެ.






