ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން އެނަރޖީ ވޯކިންގ ގްރޫޕް ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދު ބައިވެރިވެއްޖެއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދެއް ބައިވެރިވެފައިވާއިރު، މި ވަފުދުގެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެފައިވަނީ ޑެޕިއުޓީ މިނިސްޓަރ ޙުސައިން އަގީލް ނަސީރެވެ.
ޓޫރިޒަމް އެން އެންވަޔަރުމަންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް ބިނާވެފައިވަނީ ސަރަޙައްދީ ހަކަތައިގެ ދާއިރާއިން ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމުގެ މައްޗަށްކަމަށެވެ. މީގެ ތެރޭގައި ގްރީން ފައިނޭންސްގެ ފުރުޞަތުތަކާއި، ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތްތައް ހަލުއިކުރުން ހިމެނެއެވެ. އަދި ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމު (ޓްރާންސްމިޝަން އަދި ސަޕްލައި ޗެއިން) އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ތަފްޞީލީ މަޝްވަރާތަކެއް ކުރެވިފައެވެ.
މިފަދަ ބައްދަލުވުންތަކަކީ ދިވެހިރާއްޖެއާއި ސަރަޙައްދުގެ އެހެން ގައުމުތަކާ ދެމެދު ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މަގުފަހިކޮށްދޭ މުހިންމު ފުރުޞަތެކެވެ.






