"ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު"ގެ ދަށުން، ލ. ގަން ކައުންސިލާއި ގުޅިގެން، "މަގޭ ސާފުރާއްޖެ" ޤައުމީ މަހާސިންތާގެ ބައިވެރިންނާ އެކު ގަސް އިންދުމުގެ ޚާއްސަ ޙަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ޙަރަކާތުގައި މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާގައި ބައިވެރިވި ފަރާތްތަކާއި، ލ. ގަން ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. އެ ވުޒާރާއިން ބުނީ ގަސް އިންދުމުގެ މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ރީތި މާހައުލު ދެމެހެއްޓުމާއި، ތިމާވެށީގެ ހެޔޮ ބަދަލުތަކަށް ކުރިމަތިލުމުގައި ގަސްގަހާގެހީގެ ދައުރު މުހިންމުކަން ރައްޔިތުންނަށް ހަނދާންކޮށްދިނުން ކަމަށެވެ.
"ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޙަރަކާތްތައް ހިންގަމުންނެވެ. މިއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ގަސްގަހާގެހި ގިނަ ކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މަޝްރޫޢެކެވެ.







