ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް"އަށް މޫޑީޒްއިން ބަދަލުކުރުމަކީ، ސަރުކާރުން ކުރިއަށްގެންދާ އިޤްތިޞާދީ އިސްލާޙުތަކުގެ ހެޔޮ އަސަރުކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، މި ރަނގަޅުވި އައުޓްލުކުން ދައްކައިދެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި މާލީ ނިޒާމަށް އިތުބާރު ބޮޑުވަމުންދާކަމެވެ.
ޒަމީރު ވިދާޅުވީ، ބޭރުގެ ނާޒުކު ކަންތައްތަކަށް ޙައްލު ހޯދުމަށާއި، ޤައުމުގެ މާލީ ހާލަތު ވަރުގަދަކުރުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.
މާލީ ވަޒީރު ފާހަގަކުރެއްވި މުހިންމު އިސްލާޙުތަކުގެ ތެރޭގައި ބޭރުގެ ފައިސާގެ ލިކުއިޑިޓީ ރަނގަޅުވުމާއި، ޑޮލަރުގެ އާމްދަނީ އިތުރުވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) ވަރުގަދަކުރުން ހިމެނެއެވެ. މީގެ އިތުރުން، ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން މާލީ ގޮންޖެހުންތައް ކުޑަކުރުމަށް އެހީތެރިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ އަދި އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އަލުން ބިނާކުރުމަށް އެހީތެރިވެފައިވާކަމަށެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ އިސްލާޙުތަކުގެ އެޖެންޑާ ކުރިއަށްގެންދާއިރު، މާލީ ހާލަތު ހަރުދަނާކުރުމަށާއި، ޒިންމާދާރުކަމާއެކު ދަރަނި މެނޭޖްކުރުމަށާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.







