މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ "ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން" މި ޝިއާރުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ޔަޤީންކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ، ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ރަސްމިއްޔާތު ޝަރަރުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުން ފަހިވެގެންދާ ވަޒީފާގެ ފުރުސަތުތަކުން އިންސާނީ ކަރާމަތް ހިމާޔަތްކުރުމަށް އިސްކަންދެވި، ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީގޮތުން ސާބިތުވެގެންދާކަމަށެވެ. އަދި، މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހްސާސްތަކާއި ވޭންތަކަށް ދެވުނު ފަރުވާއެއްކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ތާރީޚީ ގޮތުންވެސް ގައުމުތަކާއި އިންސާނިއްޔަތުގެ ތަރައްގީއާއި ކުރިމަގަށް އަގުނުކުރެވޭ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވަނީ އެ ފަދަ ފަރާތްތަކާއިމެދު ދެކޭ ނަޒަރިއްޔާތު ބަދަލުކޮށް، ގަދަރާއި، ހިތްވަރާއި، އެހީތެރިކަން ފޯރުކޮށްދީ، އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުޞަތު ފަހިވެގެން ދިޔުންކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއަދުގެ ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ ވަނީ އެމް.ޕީ.އެލް.ގެ ވަޒީފާއާ އަލަށް ގުޅުނު 30 ފަރާތަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި، އެ ކުންފުނީގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރާ އެކްސެސިބިލިޓީ ފީޗަރ، އިފްތިތާހްކުރުން އޮތެވެ. މި ފީޗަރ އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމެވެ.
މީގެއިތުރުން އެމް.ޕީ.އެލުން ވަނީ މެޑަމް ސާޖިދާ މި ފަދަ ކަންކަމަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މި ހަދިޔާ، އެކަމަނާއަށް އަރުވާފައިވަނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑީ.ސީ.ޕީ. (ރޓ) މުޙައްމަދު ރިޝްވާނެވެ.






