އޭ.އެމް.އާރް.ގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުވެ، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި
އެންޓި މައިކްރޯބިއަލް ރެސިސްޓަންސް (އޭ.އެމް.އާރް.)ގެ ސަބަބުން އާންމު ޞިއްޙަތާއި، ފުޑް ސެކިއުރިޓީ، އަދި އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުވެ، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެ ކަމަނާ މިކަމަށް ގޮވާލެއްވީ، އޭ.އެމް.އާރް.ގެ ގައުމީ އެކްޝަން ޕްލޭން (2024-2029)ގެ މައްޗަށް އަލިއަޅުއްވާލައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، މި ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ އެންޓިބައޮޓިކްސް ބޭނުންކުރުމުގައި ފަރުވާތެރިވުމާއި، އިންސާނުންނާއި، ޖަނަވާރުންނާއި، ތިމާވެށީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންކުރާ "ވަން ހެލްތް" ނަޒަރިއްޔާތުގެ މައްޗަށެވެ. 2017 އިން 2022އަށް އަމަލުކުރެވުނު ފުރަތަމަ އެކްޝަން ޕްލޭންގެ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، މިއަމާޒުތައް ކަށަވަރުކޮށް، އެކި ސެކްޓަރުތަކުގެ މޮނިޓަރިންގ އާއި ގަވަނަންސް ހަރުދަނާކުރުމަކީ މި ޕްލޭންގެ އަމާޒެވެ.
"ވޯލްޑް އެންޓިމައިކްރޯބިއަލް ރެސިސްޓަންސް ވީކް 2025" ރާއްޖޭގައި ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، އެންޓިބައޮޓިކްސް ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް ގޮވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަސާސީ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ސްޓޭކްހޯލްޑަރުންނާއި ޖަމާޢަތްތަކަށް ގޮވާލައްވާފައެވެ.







