އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިމާމުންގެ މަހާސިންތާ 2025 ބާއްވައިފިއެވެ.
މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މަހާސިންތާ ފައްޓަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި މަހާސިންތާގެ ތެރެއިން ކުރިއަށްގެންދިޔަ ސެޝަންތަކުގެ ތެރޭގައި އުންމަތް ބިނާކުރުމުގައި އިމާމުންގެ ދައުރާއި، އިމާމުންގެ މުހިންމުކަމާއި ރިވެތި އަޙްލާޤާއި، ސިވިލް ސާވިސް ޤަވާއިދާ ބެހޭ މަޢުލޫމާތާއި، އިމާމުންނާ ބެހޭ ފިޤުހީ މަޢުލޫމާތުގެ އިތުރުން އިމާމުންނަށް ބޭނުންވާ އިދާރީ އިރުޝާދާ ގުޅޭ ސެޝަންތައް ހިމެނެއެވެ.
މަހާސިންތާގެ އެންމެ ފަހު ސެޝަނަކީ އިމާމުންނާއެކު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް މަޝްވަރާ ކުރައްވާ ޕެނަލް ޑިސްކަޝަނެވެ.
މި މަހާސިންތާގައި މާލޭގައި ތިއްބެވި އިމާމުން ހާޒިރުވެގެންބައިވެރިވާއިރު އަތޮޅުތެރޭގައި ތިއްބެވި އިމާމުންނަށް އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަހާސިންތާއަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ އިމާމުން އެއް ތަނަކުން ބައްދަލުވެ އެކަކު އަނެކަކަށް ތަޢާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމާއި އިމާމުންނަށް ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއިމ ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭޏުންވާ މުހިއްމު ޢިލްމީ މަޢުލޫމާތުތައް ހިއްސާކުރުމާއި މިސްކިތްތައް ބެލެހެއްޓުމުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެ މަސްއޫލިއްޔަތުތައް އާދަކުރުމުގައި ހުރި ގޮންޖެހުންތަކާއި އަދި އިމާމުން އިތުރަށް ތާޒާކުރުމާއި އިމާމުންގެ ކަންބޮޑުވުންތައް އަޑުއަހާއި މަޝްވަރާކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ.





