ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެޗްއާރުސީއެމުން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 36،500ރ. ލިބޭނެއެވެ. މި މަޤާމުގެ މުއްދަތަކީ ފަސް އަހަރެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން ހިއުމަން ރިސޯސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ފައިނޭންސް، އެކައުންޓިންގ، ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އެއްގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަޤާމެއްގައި މަދުވެގެން 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވާން ވާނެއެވެ.
ނުވަތަ އެ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން ހިއުމަން ރިސޯސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ފައިނޭންސް، އެކައުންޓިންގ، ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އެއްގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަޤާމެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
މީގެ އިތުރުން، އުމުރުން 25 - 55 އާ ދެމެދުގެ މީހެއް ކަމުގައިވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، މަކަރާއި، ހީލަތްހެދުމާއި، ޚިޔާނާތާއި، ރިޝްވަތުފަދަ ބޮޑުކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެމީހެއްގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުމަކީ ވެސް މި މަޤާމަށް ހޮވޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2025 ނޮވެންބަރު 25 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.





