ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަދު ކުރިއަށްގެންދިޔަ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހަވީރު އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަކުން ފެށި މި ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ ޗާންދަނީ މަގުން މަޖީދީ މަގަށް ގޮސް، މަޖީދީ މަގުން ހެންވޭރު ސޯޝަލް ސެންޓަރާ ހަމައަށެވެ.
މިއަދުގެ ހިނގާލުމުގައި މާލޭގެ ގިނަ ސްކޫލްތަކަކުން ގާލްގައިޑުންނާއި ލިޓްލް މެއިޑް އަދި ސްޓާސްގެ އިތުރުން ޔަންގް ލީޑަރުންނާއި ލީޑަރުން ވަނީ ބައިވެރިވެފައެވެ.
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން މިއަދު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައިވެސް ވަނީ ހިނގާލުމެއް ކުރިއަށްގެންގޮސްފައެވެ.
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މި އަހަރުގެ މި ދުވަހުގެ ޝިޢާރަކީ "ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް"، މިއެވެ.






