ރާއްޖެއާއި ޤަތަރާއި ދެމެދު ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ދިޔައީ ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަދި ކެބިނެޓް ވަޒީރު ސުލްތާން ބިން ސާދު އަލްސުލްތާން އަލް މުރައިކީ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅު ގެތެރެއިންނެވެ.
މި ދަތުރުފުޅަކީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ އަޙްވަންތަ ގުޅުން ރަމްޒުކޮށްދޭ، އަދި ދެ ޤައުމުގެ ދެމެދު ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ކުރެވުނު ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ދަތުރުފުޅަށްފަހު ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަދި ކެބިނެޓް ވަޒީރު ސުލްތާން ބިން ސާދު ވަނީ ރާއްޖެއިން ފުރާވަޑައިގެންފައެވެ.
ޤަޠަރުގެ ސްޓޭޓް މިނިސްޓަރގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށާއި، ދެ ޤައުމަށްވެސް ފައިދާހުރިގޮތެއްގައި ތަރައްޤީއާ ގުޅުންހުރި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މި ދަތުރުފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން، ކުރިއަށްއޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަގީންކަން ދެފަރާތުންވެސް ވަނީ އައުކުރައްވާފައިވާކަމަށެވެ.
ޤަތަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވެފައިވަނީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.މުޙައްމަދު ފަހުމީ ޙަސަންއެވެ.




