އެކި މައްސަލަތަކުގައި ދ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ނައްތާލައިފައި ވަނީ 224 ފުޅި ބަނގުރަލާއި 260 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެެތި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.




